ސަމާސާއަދަބު
މުޙައްމަދު ފިރާޤް/ ފަހިވާ/ ހއ.އިހަވަންދޫ
(ޙަޤީޤީ ޙާދިސާއެއް)
ބަދަހި ގުޅުމަކުން ގުޅިފައިވާ ދެ އެކުވެރިން އާންމު
ގޮތެއްގައި ވަކިވެގެންދަނީ އެކަކު އަނެކަކަށް ބޭވަފާތެރިވުމުންނެވެ. ނުވަތަ
އެނޫންވެސް އެފަދަ ސަބަބަކާ ހުރެއެވެ. ނަމަވެސް މިއީ ތަފާތު ޙާދިސާއެކެވެ.
އައްޔާއި ޢަބްދުﷲ އަކީ ކުޑައިރުއްސު ވަރަށް ގާތް ގުޅުމެއްގެ މަތީގައިވާ
ދެމީހުންނެވެ. އެ ދެމީހުންނަކީ އެއް ހަށިގަނޑެއްފަދަ ދެ އެކުވެރިންނެވެ. ވާނީވެސް
އެހެންތާއެވެ. ދެމީހުންވެސް ގިނަވަގުތު ހޭދަކުރަނީ އެކުގައެވެ. ކާންބޯންކުރަނީ
އެއް މަސައްކަތެކެވެ.
މީގެ ތެރެއިން އައްޔަކީ މަސްބޭނުމަށް ވަރަށް
ފޯރިހުންނަ މީހެކެވެ. އޭނާ ހުންނަނީ އެކަމަށް މޮޔަވެފައެވެ. އެހެންވުމުގެ ސަބަބުން
ޢަބްދުﷲ އާ އެކު އަލީ ވަރަށް ގިނައިން މަސްބާނަން ގޮސްއުޅެއެވެ. ގިނަފަހަރު ދާނީ
ޢަބްދުﷲ ބައްޕަގެ ކުޑަ ބޮއްކުރާގައެވެ. އަލީ މިކަމަށް ހުންނަ ފޯރިއެއްގެ ސަބަބުން
މޫސުމަކަށް އެހެން ކަމަކަށް ބެލުމެއް ނޯވެއެވެ. ހަމަ ދާންބޭނުންވާ ކޮންމެ
ދުވަހަކުވެސް މަސްބާނަންދެއެވެ. ނަމަވެސް އަޖާބަކީ ޢަބްދުﷲ ނޫން އެހެން މީހަކު
ގޮވައިގެން މަސްބާނަން ދާން އަލީ ބޭނުންނުވާކަމެވެ. އެކަމަށް އެހާ ފޯރި ހުންނައިރުވެސް
ޢަބްދުﷲ އަށް ނުދެވޭ ދުވަހަކު އަލީ މަސްބާނަން ނުދާކަމެވެ. އެއީ އެދެމީހުންގެ
މެދުގައި އޮންނަ ގާތްގުޅުމުގެ ސަބަބުން ކަންނޭނގެއެވެ. އެހެން ނޫނީ ޢަބްދުﷲ
އެކަމަށް މާ ކުޅަދާނައީ ތޯއްޗެކެވެ.
ދުވަސްތައް މާޒީގެ ތެރެއަށް ގެނބެމުންދެއެވެ.
އެދެމީހުންގެ މެދުގައިވާ ގުޅުންވެސް އިތުރަށް ބަދަހިވަމުން އާދެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު
އާދައިގެމަތިން އައްޔާއި ޢަބްދުﷲ ތައްޔާރުވަމުން ދިޔައީ މަސްބާނަންދާށެވެ.
ލޮނުއެއްޗެހި ތަދު ދުވަސްކޮޅަކަށް ވުމާއެކު މޫސުންވެސް ނަލަ ދުވަހަކަށް ވާތީ އެރޭ
ތަންކޮޅެއް ދަންވަންދެން ތިބުމަށް ނިންމައި ރަނގަޅު ކާއެއްޗެހިވެސް ތައްޔާރު
ކުރިއެވެ. ބޭނުންވާ ހުރިހާ ސާމާނެއް ހަމަވުމާއެކު ޢަބްދުﷲ ބައްޕަގެ ހިމަތޮޅި
ބޮއްކުރާގައި ދެމީހުން އެންމެ ފުރަތަމަ ދިޔައީ އެންމަހެއް ހޯދުމަށް ރަށުގެ
ފަޅުތެރޭގައި އޮންނަ ގުންބަޅަގަނޑު ކައިރިއަށެވެ. ހިންހަމަޖެހޭވަރަށް
ގުންބަޅަތަކެއް ބާނާލެވުނުއިރު ހުރީ އިރު އޮއްސިފައެވެ.
އެހެންކަމުން ދެން އެދެމީހުން މިސްރާބުޖެހީ
އާންމުކޮށް އެމީހުން މަސްބާނަން ގޮސްއުޅޭތަން ކަމުގައިވާ ރަށުގެ ނެރުމަށްޗަށެވެ.
އަލީގެލަފާގެ މަތިން ފަނާވައްޓާލުމަށްފަހު ބޮއްކުރާ ބޭއްވީ ރަށުގެ ނެރާ
ފަސްދޮޅަހަށް ފޫޓު ދުރުގައެވެ. އެއީ ރަށުގެ ނިވަލުގައި ތިބުމުގެ
ގޮތުންކަންނޭނގެއެވެ. ފަހަރެއްގައި އެސަރަހައްދުގެ މަސްވެރިކަން މާ ރަނގަޅީ
ކަމަށްވެސް ވެދާނެއެވެ. ނަނު އެއްލައިގެން ތިބެ ދެމީހުން މަޖާވާހަކަ ދައްކަން
ފަށައިފިއެވެ. އެއްތަންވެއްޖެނަމަ އެ ދެމީހުންގެ ކަމަކީ އެއީއެވެ. ވާހަކާގައި
ތިއްބާ އެރޭ އަށެއްޖެހިއިރުވެސް އެމީހުންނަކަށް ރޭކައެއް ނުލައެވެ. ކޮންމެއަކަސް
އެ ސަރަހައްދުގެ މަސްވެރިކަން އެހާ ގޯހެއްނޫނެވެ. އެހެންކަމުން އެހެންތާކަށް
ނުގޮސް އެތަނުގައި މަޑުކޮށްގެން ތިބީއެވެ. ނަމަވެސް އެރޭގެ ކަޅުފޮއިކަމުގެ ވާހަކަ
ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ދެ ލޮލަށް އިނގިލި ކޮށްޕާލިއަސް
ނޭނގޭނެއެވެ.އެމީހުންގެ އަތުގައި އޮންނަ ބައްތިގަނޑު ނޯންނަނަމަ މިހާރު އެތަނުގައި
ތިއްބާ އެހެން ދޯންޏަކުން ޖެހި ބޮއްކުރާ އަޑިއަށް ހިނގައްޖައީސްކަން ކަށްވަރެވެ. އެގޮތަށް
މަސްބާނަންނުކުމެ ތިއްބައި އިންޖީނު ދޯނިފަހަރުގެ ރާޅުގަނޑުގައި ޖެހި ބޮއްކުރައަށް
ފެންއަރުވާރލަނީވެސް މަދު ދުވަހެއްގައި ނޫނެވެ. ވާނީވެސް އެހެންތާއެވެ ބޮއްކުރާ
އެހާ ކުޑަވެފައި ހިމަތޮޅިއެވެ. ބަނޑުފިލާ ކުޑަކަމުން ކިރިޔާވެސް ފަރާތަކަށް
ޖެހިލައިފިނަމަ އުޅެނީ ބަންޑުން ޖަހައިލާށެވެ.
އެ ދެމީހުން އެގޮތަށް ތިއްބައި ގަޑިން
ނުވައެއްޖަހައިފިއެވެ. ފުދޭވަރަކަށް މަސްބޭނިފައި ހުރުމާއެކު ޢަބްދުﷲ ރަށަށްދާން
ބުނެފިއެވެ. ނަމަވެސް އަލީ އައީ އެހާއަވަހަށް ދާ ހިތަކުން ނޫނެވެ. ތިން
ހަތަރުފަހަރު ބުނުމުންވެސް އަލީ އެކަމަށް އިޖާބަނުދިނުމުން ޢަބްދުﷲ މަޑުމަޑުން
އިނީއެވެ. އަލީ އިނީ ޢަބްދުﷲ އަށް ފުރަގަސް ދީގެންނެވެ. އެހެންއިންދައި
ކުއްލިއަކަށް ބޮއްކުރާ އެއްފަރާތަށް އަރިވެއްޖެއެވެ. ހީވީ ދެންމެ ދެންމެ ބަންޑުން
ޖަހާލަފާނެހެންނެވެ. އަލީ ގަތީ އަމަށަކު ބިރެއްނޫނެވެ. ކޮންމެސް ގޯހެއްވެއްޖެކަން
އެނގޭތީ ފަސްއެނބުރި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ޢަބްދުﷲ މޫދަށް
ފުންމާލަނީއެވެ. އަލީ ހީކުރި އަލީ ރަށަށްދާން އެއްބަސް ނުވުމުން އެކަމާ
ރުޅިއައިސްގެން ޢަބްދުﷲ ފުންމާލައިގެން ރަށަށް ދަނީކަމަށެވެ. އެހެން ހިތާ ޢަބްދުﷲ
ހިފަހައްޓަން އެއްލި އަތުން ހިފުނީ ޢަބްދުﷲ އަތުގެ އިނގިލިތަކުގައެވެ. ހިފުމާއެކު
ޢަބްދުﷲ ބޮއްކުރައަށް އަރުވަން އޭނާ އުފުއްލާލެވޭތޯ އަލީ މަސައްކަތް ފެށިއެވެ.
ނަމަވެސް ޢަބްދުﷲ އެއަށްވުރެ ގަދައަށް ތެޅެން ފަށައިފިއެވެ. ޢަބްދުﷲ މަސައްކަތް
ކުރަނީ އަލީގެ އަތް ފޮޅުވާލުމަށްފަހު ދާށެވެ.
އެހާ ހިސާބުން އަލީގެ ހާސްކަން ވަކިން ބޮޑަށް
އިތުރުވެއްޖެއެވެ. އަދި ގަޔާލައި ބައްދާގަނެގެން ކުރިއަށްވުރެ ބާރަށް ޢަބްދުﷲގެ
އަތް ހެފެހެއްޓިއެވެ. " އަބްދޯ..... ހެޔޮނުވާނެ އަހަރެން ދޫކޮށްފަ ނުދޭ......
އާދޭސްކޮށްފަ މިބުނަނި.... އަހަރެން އެކަނިކޮށްފަ ނުދޭ.........." އަލީއަށް ރޮވޭގޮތް
ވިއެވެ. ނަމަވެސް ޢަބްދުﷲ ކުރިއަށްވުރެ ގަދަހަދަން ފެށިއެވެ. ކުޑަހިނދުކޮޅެއްވެސް
ނުވެއެވެ. އަލީ އެހެން އުޅެނިކޮށް ޢަބްދުﷲ ކުއްލިއަކަށް ހަދާލިގޮތަކުން އަލީ
ވިއްސައިގެން ގޮސް ވަތުތެރެއަށް ނުޖެހުނީ ކިރިޔާއެވެ. ހަމައެއާއެކު އަލީގެ އަތުން
ޢަބްދުﷲގެ އަތް ދޫވިއެވެ. ވީނުވީގޮތެއް އެނގުނީދެނެވެ.
ޢަބްދުﷲ ކެއްސަމުން ބޮއްކުރައަށް އެރިއިރު ހުރީ
ހުރީ ލޮނު ބޮއެބޮއެ ހަލާކުވެފައެވެ. " ބަލާބަލަހުރި ނުލަފާކަން..... އަހަރެން
މަރުނުވީ ކިރިޔާއޭ.... ނަނު އެއްލަންވެގެން އަހަރެން ކޮޅަށް ތެދުވިއިރަށް ބޮއްކުރާ
އަރިއަޅައިލާގެން ބަންޑުން ޖަހައިލަފާނެހެން ހީވީމަ އަހަރެން މޫދަށް ފުންމާލި
އިރަށް ކަލޭ ތި ހިފީ އަހަރެންގެ ފައިގެ އިނގިލިތަކުގަ.... ކަލޭއަކަށް ނޭނގެދޯ
ފައިގަ ހިފާފަ އުފުއްލީމަ ބޯކޮޅުދާނި އަޑިއަށް ކަމެއް.... ފައި ކުރުކޮށްފަ ކަލޭ
މޭމަތީ އަޅުވާނުލިނަމަ އަހަރެން ސަލާމަތްވެސް ނުވީސް...." ޢަބްދުﷲ އެރިގޮތަށް
އަރާ އަލީއަށް އެއްޗެހިގޮވަން ފެށިއެވެ. "އަ........ އަހަރެން.......
ގަސް...... ގަސްތުގަ ކުރިކަމެއް ނޫން..." ވީ ދެރައިން އަލީއަށް
އިސްޖަހާލެވުނެވެ. " ދެން ކޯންޗެކޭ ކިޔާކަށް... އަހަރެން މަރުވިނަމަވެސް ކަލޭ
ބުނާނި ތިހެން... މިހާ ހިސާބުން ދެން މި ނިމުނި. މިހާރު އެނގިއްޖެ ކަލޭގޮތް.
އަހަރެން ބޭނުމެއްނޫން ދެން ކަލޭއާ ވާހަކަ ދައްކަންވެސް.." ޢަބްދުﷲ އަކަށް
އަލީގެ ވާހަކަތަކެއް ޤަބޫލެއް ނުކުރެވުނެވެ. އެހާ ހިސާބުން އެ ދެމީހުންގެ ދުވަސްވީ
ގުޅުން ކެނޑި ދެ މިތުރުން ދެ ހަތުރުންނަށް ބަދަލުވީއެވެ.
No comments:
Post a Comment