2015
ވަނަ އަހަރު ތަންފީޒުކުރަން ފެށި ޤައުމީ އައު މަންހަޖާމެދު ކުރެވޭ އުއްމީދު...
އިސްމާޢިލް ޝިޔާޒް، ވިދުވަރު/ ހއ.އިހަވަންދޫ ސްކޫލް
"ނޭނގުމަށްވުރެ
ވަކިން ދެރަކަމެއް ހަމަ ނެތޭ... އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއް ހަމަ
ނެތޭ..." މިއީ އަޅުގަނޑުމެން ޅައިރުއްސުރެ އަޑުއަހައި އުޅުނު ޢިބުރަތްތެރި
ލަވައެކެވެ. މިލަވައިގެ ތެރެއަށް ފުންކޮށް ފީނާލައިފިނަމަ އުނގެނުމުގެ
މުހިއްމުކަން އެނގޭނެއެވެ. ގަދައަޅައި މަސައްކަތްކޮށް ތަޢުލީމު އުނގެނެން
ޖެހޭނެކަން މޭރުންވާނެއެވެ. 1978 ވަނަ އަހަރުން ފެށިގެން 1984 ވަނަ އަހަރާ
ހަމައަށް، ރާއްޖޭގެ ދެތިން މަދަރުސާ ފިޔަވައި ދެންހުރި މަދަރުސާތަކުގައި ކިޔަވައި
ދެމުން ދިޔައީ އަމިއްލަ މުޤައްރަރު ތަކަށެވެ. އެދުވަހަކު ހުންނަވާ މުދައްރިސަކު
ބޭނުން އެއްޗެއް ނުވަތަ އެނގޭ އެއްޗެއް ކުދިންނަށް ކިޔައިދެއެވެ. ނަމަވެސް 1980
ވަނަ އަހަރު ފަށާތަޢުލީމުގެ މުޤައްރަރުގެ ޑުރާފްޓް ތައްޔާރުކޮށް، 1984 ވަނަ އަހަރު
ފުރަތަމަ ފަހަރަށް މިރާއްޖޭގައި ތަޢުލީމީ މަންހަޖެއް ތަންފީޒުކުރަން ފެށިއެވެ.
ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ތަޢުލީމީ ދަންމަރުގެ ހުޅުކޮޅުގެ އަލި ގަދަވެ ދުރަށް
އަލިވާން ފެއްޓިއެވެ. އަދި އެއަލިކަމުގައި 31 އަހަރު ހޭދަކުރިއެވެ. ނަމަވެސް
ބަވަނަމުން މިދާ ދުނިޔޭގެ ހަތަރު ބިތަށް އަލިފޯރުވޭވަރު ނުވުމުން، މިހިނގާ 2015
ވަނަ އަހަރު ޤައުމީ އައު މަންހަޖެއް ތަންފީޒުކުރަން ފެށިއެވެ. އިތުރު ހެޔޮ
ބަދަލުތަކާއި އިޞްލާހުތަކާ އެކުއެވެ. އެތައް ފޮނި ހިތްގައިމު އުއްމީދުތަކަކާ
އެކުއެވެ.
ދިވެހިންނަކީ ފަޚުރުވެރި ބައެކެވެ. ދިވެހި
ދަރިވަރުންނަކީ ކުޅަދާނަ ބައެކެވެ. ހިތްއަލި ފަސޭހައިން ދެނެގަންނަ ބައެކެވެ.
ވިސްނުން ތޫނު ހުނަރުވެރި ބައެކެވެ. ނަމަވެސް ކުރީގެ މަންހަޖުގައި ދިވެހި
ދަރިވަރުންތިބީ ޢިލްމީ މައިދާނުގައި ހިފެހެއްޓިފައެވެ. ޢިލްމު އުނގެނުމުގެ
ބޭނުމަކަށްވެފައިވަނީ އިމްތިހާނަކަށް ތައްޔާރުވުމެވެ. އޭގެބަދަލުގައި
ދިވެހިރާއްޖޭގައި އަލަށް ތަންފީޒުކުރަށް ފެށި މަންހަޖާއެކު ދިވެހި ދަރިވަރުންވަނީ
ޢިލްމީ މައިދާނަށް ދޫކޮށްލެވިފައެވެ. ޢިލްމު އުނގެނުމަށް ތަފާތު މަގުތައް ކޮށައި
ތާރު އަޅައިދީފައެވެ. މީގެ ސަބަބުން ދިވެހި ދަރިވަރުންގެ ވިސްނުމުގެ ދާއިރާ
އިތުރަށް ފުޅާވެގެން ދާނެއެވެ. ހަރުދަނާ ސިފަތަކާއެކު ބަނދެވިފައިވާ ބަޔަކަށް
ވެގެންދާނެއެވެ. ޢިލްމުގެ އަޑި ނޭނގޭ ފުން ކޯރުން ފެން ބޮއެގެން ތިބި
ބަޔަކަށްވެގެންދާނެއެވެ. ޢިލްމީ މައިދާނުގައި އެހެން ޤައުމުތަކާ އެއްހަމައެއްގައި
ފައިތިލަ ސާބިތުކޮށްގެން ތިބެވޭވަރުގެ ބަޔަކަށް ދިވެހި ދަރިވަރުން ވެގެންދާނެއެވެ.
ދުނިޔޭގެ ކުރިއަރައިފައިވާ ޤައުމުތަކުން ބަލައިގަންނަފަދަ ޢިލްމުވެރި ބަޔަކަށް
ވެގެންދާނެއެވެ.
ޢިލްމުގެ މައިދާނުގައި ދިވެހި ދަރިން
ކުރިއަރައި ދިއުމާއެކު އެކުދިންނަކީ ހަރުދަނާ ސިފަތަކެއްގެވެރި ބަޔަކަށް ވުމީވެސް
އައު މަންހަޖާމެދު ކުރެވޭ އުއްމީދެކެވެ. އެގޮތުން 2015 ވަނަ އަހަރު ފެށުމާއެކު
ޤައުމީ އައު މަންހަޖަކަށް ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ ހުންގާނު މިވަނީ ސީދާ
ކޮށްފައެވެ. ކުރީގެ މަންހަޖާ ޚިލާފަށް އައު މަންހަޖުގައި ކުދިންގެ ކިބައިގައި
ހަރުދަނާ ގިނަ ސިފަތަކެއް އަށަގެންނެވުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. ކުދިން
އިމްތިހާނަށް ތައްޔާރުކުރުމުގެ ބަދަލުގައި، އައު މަންހަޖުގެ ތަޞައްވުރަކަށް
ވެފައިވަނީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުމެވެ. ދިރިއުޅުމުގައި ދިމާވާ ތަފާތު
އަޑިގަނޑުތަކުން އަރައިގަނެވޭފަދަ ޙިކުމަތްތެރި ބަޔަކަށް ހެދުމެވެ. މީގެ ނަތީޖާއެއްގެ
ގޮތުން ޤައުމީ އައު މަންހަޖާއެކު ދިވެހި ކޮންމެ ދަރިވަރަކީ އިސްލާމީ ޢަޤީދާ
ވަރުގަދަ، އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ދަމަހައްޓައި، އަމިއްލަ ނަފުސަށް
އިތުބާރުކުރާ ފަރުދަކަށް ވެގެންދާނެއެވެ. އުނގެނުމާއި ހޯދާބެލުމަށް ޝައުޤުވެރިވާ،
ޢިލްމު އުފައްދާ ކާމިޔާބު ފަރާތަކަށް ވެގެންދާނެއެވެ. އާއިލާއާއި މުޖުތަމަޢު އަދި
ބަވަނަވަމުންދާ ދުނިޔޭގައި ޙިއްސާ އަދާކުރާ، ޒިންމާދާރު އަދި އުފެއްދުންތެރި
ޝަޚްޞިއްޔަތަކަށް ވެގެންދާނެވެ.
ޤައުމީ އައު
މަންހަޖު ތަންފީޒުކުރެވި އެއާ އެއްގޮތަށް ޢަމަލު ކުރެވެމުންދަނީ ތަޢުލީމީ ހުރިހާ
މަރުހަލާއެއް ޝާމިލުވެގެންނެވެ. ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުން ފެށިގެންގޮސް
މަދަރުސީ ތަޢުލީމު ނިންމާ މަރުހަލާ ކަމުގައިވާ މަތީސާނަވީ ތަޢުލީމުވެސް އޭގައި
ހިމެނިގެންނެވެ. އެގޮތުން ކޮންމެ ތަޢުލީމީ މަރުހަލާއެއްގައި ކުއްޖާ ހާނުވާ
އުނގަންނައިދޭންވީ ތަކެއްޗާއި ގޮތްތައް ތަފާތެވެ. ކުއްޖާގެ ވިސްނުމުގެ ފެންވަރާއި
ވިސްނައިގޮތްވެސް ތަފާތެވެ. ކުރީގެ މަންހަޖާއި ޚިލާފަށް އައު މަންހަޖު
އެކުލަވައިލެވިފައިވަނީ މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް ކުއްޖާއަށް އުނގެނި
ވިސްނުން ތަރައްޤީ ކުރުމަށް ފަހިވާނެ ގޮތަށެވެ. އެހެންކަމުން އައު މަންހަޖާއެކު
ދަރިވަރުންގެ ވިސްނުމުގެ ފެންވަރާއި އުފެއްދުންތެރިކަން އުމުރާއެކު ކުރިއަރައި
ދާނެއެވެ.
އުމުރާއެކު ވިސްނުމުގެ ފެންވަރު ކުރިއަރައި
ދިއުމުގެ އިތުރުން އައު މަންހަޖާއެކު ކުދިންގެ ޤާބިލިއްޔަތުތައް ތަރައްޤީވާނެއެވެ.
ތަޢުލީމަކީ މުހިއްމު އެއްޗެކެވެ. އެއާއެކު ތަރުބިއްޔަތަކީވެސް ނުހަނު ބޭނުންތެރި
އެއްޗެކެވެ. އެގޮތުން ތަޢުލީމާއި ތަރުބިއްޔަތުގެ ތެރެއިން ކަންކަމަށް ޤާބިލު
ފަރުދަކަށް ކުއްޖާ ހަދަން ޖެހެއެވެ. އެއީ އިސްލާމްދީނާ އެއްގޮތަށް
ޢަމަލުކުރުމަށެވެ. ނަފުސު ދެނެގަތުމަށާއި ތަންޒީމު ކުރުމަށެވެ. ބިނާކުރަނިވި އަދި
އުފެއްދުންތެރި ގޮތެއްގައި ވިސްނުމަށެވެ. އެހެންމީހުންނާ ގުޅިގެނ އުޅުމަށެވެ.
ދޭހަވުމަށާއި ދޭހަކޮށްދިނުމަށެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށެވެ. ދެމެހެއްޓެނިވި
ތަރައްޤީއަށް ޢަމަލުކުރުމަށެވެ. ޓެކުނޮލޮޖީއާއި މީޑިއާ ބޭނުންކުރުމަށެވެ. ކުރީގެ
މަންހަޖާ ޚިލާފަށް އައު މަންހަޖުގެ ސަބަބުން ދަރިވަރުން މިކަންކަމަށް ލޯ
ހުޅެވިފައިވާ ޤާބިލު ބަޔަކަށް ވެގެންދާނެއެވެ.
2015 ވަނަ އަހަރު ތަންފީޒުކުރެވުނު ޤައުމީ
އައު މަންހަޖާއެކު އެތައް ފޮނި އުއްމީދުތަކެއް އެތައް ބައެއްގެ ހިތުގައި އެތައް
ގޮތަކަށް އާލާވާން ފެއްޓިއެވެ. ދަރިވަރުންގެ އުޅުމުން ފެންނާނޭ ހަރުދަނާ ރިވެތި
ސިފަތަކާއި ހެޔޮ ބަދަލުތައް އެތައް ބައެއްގެ ލޯ ކުރިމަތީ ސިފަވާން ފެއްޓިއެވެ.
ދިވެހި ދަރިން އުފެއްދުންތެރި ހަރުދަނާ ބަޔަކަށްވެގެން ޤައުމަށް ކިދުމަތްކުރާތަން
ދެކޭހިތްވިއެވެ. ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުން ކުރިއަރައިގޮސް ދުނިޔޭގެ
ފުރަތަަ ސަފުން ޖާގަ ހޯދާނެ ދުވަހެއްގެ ފޮނި ހުވަފެންތައް ދެކޭން ފެއްޓިއެވެ.
ކޮންމެއަކަސް މިފޮނި އުއްމީދުތައް ގުޅިފައިވަނީ އަލަށް ތަންފީޒު ކުރެވުނު ޤައުމީ
މަންހަޖަށެވެ. "ކުދިން ދިރިއުޅުމަށް ތައްޔާރުކުރުމަށެވެ."
No comments:
Post a Comment